މާލޭގެ އުތުރު ފަރާތުގެ ކާރޫބާރޫ ބޮޑު ސަރަޙައްދުގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ބޮޑުތަކުރުފާނު މަގުގައި 588 ސައިކަލަށް ޚާއްޞަ ޕާކިންގ ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތީގައި ޤާއިމުކުރާ މި ޕާކިންގ އޭރިއާއަކީ ގާތްގަނޑަކަށް 1400 އަކަފޫޓުގެ ސަރަޙައްދެކެވެ. މި މަސައްކަތް ކުރިއަށްދަނީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ 144 މިލިއަން ރުފިޔާގެ މަޝްރޫޢުގެ ހަތަރުވަނަ ފިޔަވަހީގެ ދަށުންނެވެ.
އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަޒް ޢަބްދުﷲ ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ދެމެދު އޮންނަ 838 މީޓަރުގެ މަގު ފުޅާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މިހާރު ވަނީ މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއަށް ބައެއް އިތުރުކުރުމަށް ކުރަންޖެހޭ ޝީޓްޕައިލް ކުރުމުގެ މައިގަނޑު މަސައްކަތްތައް ނިންމާލާފައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ. އެގޮތުން މަގު ހެދުމަށްޓަކައި ނަގަންޖެހޭ ގަސްތައް އެހެން ސަރަޙައްދުތަކުގައި އަލުން އިންދުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދެއެވެ. މީގެ ތެރޭގައި ކުރީގެ ނަސަންދުރާ ހުރި ސަރަޙައްދާއި އެފްއެސްއެމް އިމާރާތް ކައިރީގައި މިހާރު ވެސް ގަސްތައް ވަނީ އިންދާފައެވެ.
ސަރުކާރުގެ އޮފީސްތަކާއި، ބޭންކުތަކާއި، ވިޔަފާރި ބަނދަރު ހިމެނޭ މި ސަރަޙައްދަކީ ގިނަ ބަޔަކު ޚިދުމަތް ހޯދާ ތަނަކަށްވުމުން، މި ޕާކިންގ ޒޯނާއެކު އާންމުންނަށް ބޮޑު ލުޔެއް ލިބޭނެއެވެ. އެމްޓީސީސީގެ އަމާޒަކީ އަންނަ ޖޫން މަހުގެ ނިޔަލަށް މަސައްކަތްތައް އެއްކޮށް ނިންމައި، މުޅި މަގު އާންމު ދަތުރުފަތުރަށް ހުޅުވާލުމެވެ.


