Tuesday, 28 July 2026
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް

ދިވެހި މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ދާއިމީކޮށް ކަނޑާލުމަށް އިނގިރޭސިވިލާތާއެކު މަޝްވަރާ ކުރަނީ

އިނގިރޭސިވިލާތުގެ ބާޒާރަށް ނެރޭ ދިވެހި މަހުގެ އުފެއްދުންތަކުން ނަގަމުންދާ އިމްޕޯޓް ޑިއުޓީ ދާއިމީކޮށް ކަނޑާލުމަށް ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާއެކު މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މި މަޝްވަރާތަކުގައި ސަރުކާރުން ބައިވެރިވަނީ ކުރިއަށްދެވޭނެ ހުރިހާ ގޮތްތަކެއް ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހުގައި ކަމަށެވެ.

ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކުން އިނގިރޭސިވިލާތަށް އެތެރެކުރާއިރު ނަގަމުން އައި 20 ޕަސެންޓް ޑިއުޓީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް އިނގިރޭސި ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. މިއީ އެ ގައުމުގެ ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ގެނައި ބަދަލެކެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، 2014 ވަނަ އަހަރުން ފެށިގެން މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އައި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިކަމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނާއި އިސްވެރިންނާ ބައްދަލުކުރައްވައި، މަހުގެ ޑިއުޓީ މައާފްކޮށްދިނުމަށް އެދިވަޑައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ޖެނެރަލައިޒްޑް ޕްރިފަރެންޝަލް އެރޭންޖްމަންޓެއް ނުވަތަ ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވޭ ކޮމްޕްރިހެންސިވް އެގްރީމަންޓެއްގެ ދަށުން ޑިއުޓީ ދާއިމީކޮށް ކަނޑާލުމެވެ.

މިނިސްޓަރު އިރުތިޝާމް އިތުރަށް ވިދާޅުވީ، މިހާރު ލިބިފައިވާ ދެ އަހަރުގެ ލުޔަކީ ވަގުތީ ހައްލެއް ކަމަށާއި، ނަމަވެސް މިއީ ސަރުކާރުގެ ހިކުމަތްތެރި މަޝްވަރާތަކުގެ ނަތީޖާ ކަމަށެވެ. މި ބަދަލުގެ ސަބަބުން ދިވެހި މަސްވެރިކަމުގެ ސިނާއަތަށާއި ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *