މަޖީދަކީ 10 ފެބްރުއަރީ 2022 އިން ފެށިގެން ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި ޕެންޝަން ބޯޑުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާއަކީ އޮޑިޓް އަދި ފައިނޭންޝަލް ކޮންސަލްޓަންސީ ދާއިރާގެ ތަޖުރިބާކާރެއްގެ އިތުރުން، އޮޕްޓިމޯ އެލްއެލްޕީގެ މެނޭޖިން ޑައިރެކްޓަރުވެސް މެއެވެ. މީގެ ކުރިން މަޖީދު ވަނީ ސީއެމްޑީއޭގެ ބޯޑު މެންބަރުކަމާއި، ބީއެމްއެލް އަދި ބޭންކް އޮފް ސިލޯންގައި އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.
ޗެއާޕާސަންގެ އިތުރުން، ޕެންޝަން ބޯޑުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު ޔާމީން އިދުރީސް ވެސް މިއަދު ވަނީ އައްޔަނުކޮށްފަ އެވެ. މި ބަދަލުތަކާއެކު މިވަގުތު ބޯޑުގައި ތިއްބެވީ ޗެއާޕާސަންގެ އިތުރުން ހަތަރު މެންބަރުންނެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް މި ބަދަލުތައް އައިސްފައިވަނީ، ޕެންޝަން ފަންޑުގެ ފައިސާ ސަރުކާރުގެ ބޮންޑަށް އިންވެސްޓްކުރުމާ ގުޅޭގޮތުން ހިޔާލުތަފާތުވުންތަކެއް އުފެދި، ކުރީގެ ޗެއާޕާސަން އިނާޒްގެ އިތުރުން ސީއީއޯ ސުޖާތާ ހަލީމާއި ބައެއް ބޯޑު މެންބަރުން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ. ޖުމްލަ 8 މެންބަރުންގެ މައްޗަށް އެކުލެވޭ ޕެންޝަން ބޯޑުގައި ހިމެނެނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެންބަރުންނާއި އަމިއްލަ ދާއިރާގެ ހަތަރު މެންބަރުންނެވެ.


