ރާއްޖޭގައި ހިމަބިހީގެ ކޭސްތަކެއް ފެންނަމުންދާތީ، ހުމާއި ރަތްކުލައިގެ ބިހީގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައިޖީއެމްއެޗްގައި ހާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފިއެވެ. މި ޑެސްކް ގާއިމްކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ބޮޑެތިމީހުންގެ ކުއްލި ފަރުވާދޭ ބައި (މެއިން އީއާރް) ގެ އެމްބިއުލަންސް ޕޯޓިކޯ ކައިރީގައެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި މި ހެލްޕް ޑެސްކުން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށް ހިދުމަތް ލިބޭނެއެވެ. އަދި ރޭގަނޑު 23:00 ގެ ފަހުން ހުމާއެކު ރަތްކުލައިގެ ބިހީގެ އަލާމާތް ހުރި ބަލިމީހުންނަށް ކުއްލި ފަރުވާ ބޭނުންވާ ހާލަތްތަކުގައި ހޮސްޕިޓަލުން ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނޭހެން އެއްވެސް މީހެއްގެ ކިބައިން މިފަދަ އަލާމާތެއް ފެނިއްޖެނަމަ ހެލްޕް ޑެސްކަށް ރިޕޯޓްކުރުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކުރެއެވެ.
ރާއްޖެއިން ކުރިން ނައްތާލާފައިވާ މި ބަލީގެ ހަތް ކޭހެއް މިއަހަރުގެ މިހާތަނަށް ވަނީ ފެނިފައެވެ. އަދި މި ކޭސްތަކާ ގުޅުންހުރި 74 އަށް ވުރެ ގިނަ ކޮންޓެކްޓުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ. މިއީ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ދަނޑިވަޅެއްކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ހުން އައިސް ރަތްކުލައިގެ ބިހި ނަގާފައިވާ ބަލިމީހުން ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށާއި، ބަލިމީހާއާއެކު އެހީތެރިންގެ ގޮތުގައި ވީހާވެސް މަދު ބަޔަކު ދިއުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.


