Tuesday, 28 July 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ފޮޓޯ: އެޓޯލްސް ޓައިމްސް

ރިޔާސީ އިންތިޚާބު ނާކާމިޔާބުވީ ޞާލިޙްގެ މަގުބޫލުކަން ކުޑަވުމުން: ނަޝީދު

2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަގުބޫލުކަން ރައްޔިތުންގެ މެދުގައި ކުޑަވުމުގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ ޕާޓީގެ އެތެރޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް، އެމްޑީޕީގެ ރަސްމީ ފަރާތްތަކުން މި ވާހަކަތަކަށް އިންކާރު ކުރެއެވެ. އެމްޑީޕީން ގަބޫލުކުރާ ގޮތުގައި އިންތިޚާބުން ބަލިވުމުގެ މައިގަނޑު ސަބަބަކީ ޕާޓީގެ އެތެރޭގައި އުފެދުނު ދެ ފެކްޝަނެއްގެ ސަބަބުން ޕާޓީ ބައިބައިވެގެން ދިއުމެވެ. މީގެ ކުރިން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ވަނީ އެމްޑީޕީން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވީ ނަމަވެސް، ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބާ ގުޅިގެން ރައީސް ޞާލިޙާއި ނަޝީދާ ދެމެދު އަނެއްކާވެސް ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. މި ޚިޔާލުތަފާތުވުންތައް ބޮޑުވެފައިވަނީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ގުޅޭގޮތުންނެވެ.

އެގޮތުން، ޗެއާޕާސަންގެ މަގާމަށް ރައީސް ނަޝީދު އަމިއްލަފުޅަށް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، ރައީސް ޞާލިޙް ތާއީދުކުރައްވަނީ މީކާއީލް އަޙްމަދު ނަސީމަށެވެ. މިކަމުގެ ސަބަބުން ޕާޓީގެ އެތެރޭގެ ވާދަވެރިކަން އިތުރުވެ، ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީގެ ސިޔާސީ ހަރަކާތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *