ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް 24 ގަޑިއިރު ހުށައެޅޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އުފައްދާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަރުކާރުގެ ޖަވާބުދާރީވުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ރައީސް އޮފީހުގައި ގާއިމުކުރާ މި ބިއުރޯގެ އިދާރީ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މި ބިއުރޯ ހިންގުމަށް ހާއްސަ ބޭފުޅަކު މިހާރު އައްޔަންކުރައްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މުޅި ސަރުކާރުގެ ތެރޭގައި ހުރި ޝަކުވާތައް 24 ގަޑިއިރު އެޓެންޑުވާނެ ހާއްސަ އޮފީސްއެއް ރައީސް އޮފީހުގައި މި ހަދަނީ،" ރައީސް ވިދާޅުވިއެވެ.
މި ބިއުރޯއަށް ހުށަހަޅާ ޝަކުވާތައް މެނޭޖްކުރުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިންނެވެ. މި ސިސްޓަމް މެދުވެރިކޮށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، ރައްޔިތުންނަށް އަވަސް ޖަވާބެއް ފޯރުކޮށްދެވޭނެއެވެ. އަދި މި ބިއުރޯގެ ދަށުން 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރެއްވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ ޝަކުވާތައް ސިޓީ، އީމެއިލް، ފޯނު، ސޯޝަލް މީޑިއާ އަދި ޖެމްސް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު ހުންނާނެއެވެ. މީގެ އިތުރުން، ސަރުކާރުގެ ހުރިހާ އިދާރާތަކަކަށް ހުށަހެޅޭ ޝަކުވާތައް އެއް މެކޭނިޒަމެއްގެ ތެރެއިން ބެލެހެއްޓި، އިދާރާތަކުން ޖަވާބުދާރީވާ މިންވަރު މި ބިއުރޯއިން މޮނިޓަރ ކުރަމުންދާނެއެވެ.
މި މަޝްރޫއަކީ ސަރުކާރުގެ ވުޒާރާތަކުގެ ފްރޮންޓް އޮފީސްތަކުން ދޭ ހިދުމަތްތައް ރަނގަޅުކޮށް، ރައްޔިތުންނަށް ވީހާވެސް ގާތުން އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.


