Tuesday, 28 July 2026
ގެއްލުނު މީޙާ ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލެ ފަޅުތެރެއަށް ފޭބި މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

ހުޅުމާލޭގެ ސްޓެލްކޯ އިންޖީނުގެއާ ދިމާލުން ފަޅުތެރެއަށް ފޭބި މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް، މިއަދު ހެނދުނު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ކ. ގުރައިދޫ، ރަތްވިލާގެ، އިބްރާހިމް ޝާކިރު (48 އަހަރު) އެވެ.

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނާ ގުޅޭގޮތުން މައުލޫމާތު ދެމުން އެމްއެންޑީއެފްއިން ވިދާޅުވީ، ޝާކިރު ގެއްލިފައިވަނީ ރޭ އިރުއޮއްސި 18:30 ހާއިރު ހުޅުލެ ސީޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން ވަލެއް އެއްސުމަށް މޫދަށް ފޭބި ވަގުތު ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް މެރިން ޕޮލިސް އާއި ކޯސްޓްގާޑުން މެދުކެނޑުމެއްނެތި ކުރަމުންދަނިކޮށް، އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 08:25 އެހައިކަންހާއިރު މޫދު އަޑިންނެވެ. ހަށިގަނޑު ފެނުމާއެކު ވަނީ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ޝާކިރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *