މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޭ ކޮމިޝަނުން މިހާރު ވަނީ އަންހެނުންގެ ކޮމިޓީތަކުގެ މުސާރައަށް ގެނައި ބަދަލުތައް ފާސްކޮށް، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވާފައެވެ. މި ބަދަލާއެކު ސިޓީތަކުގެ އަންހެނުން ކޮމިޓީތަކުގެ ރައީސާއިންގެ މުސާރަ 41,000 ރުފިޔާ އަށް ވަނީ ބޮޑުކޮށްފައެވެ. މީގެ ކުރިން ސިޓީތަކުގެ ރައީސާއިންނަށް ލިބެމުން އައީ 7,000 ރުފިޔާއެވެ.
ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންގެ މުސާރައަށް ވެސް ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން ކުރިން 6,000 ރުފިޔާ ލިބެމުންދިޔަ ރަށްރަށުގެ ކޮމިޓީ ރައީސާއިންގެ މުސާރަ މިހާރު ވަނީ 21,000 ރުފިޔާ އަށް ބޮޑުކޮށްފައެވެ. މިއީ ސިޓީތަކުގެ ރައީސާއިންގެ މުސާރައަށް 34,000 ރުފިޔާ އަދި ރަށްރަށުގެ ރައީސާއިންގެ މުސާރައަށް 15,000 ރުފިޔާގެ ބޮޑުވުމެކެވެ.
ކޮމިޓީތަކުގެ ނައިބު ރައީސުންނާއި މެންބަރުންގެ މުސާރައަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ސިޓީތަކުގެ އަންހެނުން ކޮމިޓީގެ ނައިބުންނަށް 7,000 ރުފިޔާ އަދި ރަށްރަށުގެ ނައިބުންނަށް 6,000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ސިޓީތަކުގެ ކޮމިޓީ މެންބަރުންނަށް 6,000 ރުފިޔާ އަދި ރަށްރަށުގެ މެންބަރުންނަށް 5,000 ރުފިޔާ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.
އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. މަޖިލިސް އިންތިޚާބުގެ ކެމްޕޭން ތެރޭގައި އެމަނިކުފާނު ވަނީ އަންހެނުންގެ ކޮމިޓީތައް ބާރުވެރިކޮށް، އެ ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މީގެ ކުރިން ރޯދަ އެލަވަންސް ނުލިބޭ މައްސަލައަށް ވެސް މި ސަރުކާރުން ވަނީ ހައްލެއް ހޯދައިދީފައެވެ. އެގޮތުން މިދިޔަ ރޯދަމަހުން ފެށިގެން އެ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.


