Tuesday, 28 July 2026
ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ހުޅުވުން -- ފޮޓޯ: ޕީއެސްއެމް

ރަޖިސްޓްރީނުކޮށް ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން، ރަޖިސްޓްރީނުކޮށް ބޭސް އެތެރެކޮށް ވިއްކަމުންދާ މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަނެއްކާވެސް ދީފިއެވެ. އެ އޮތޯރިޓީން ބުނީ މިފަދަ މައްސަލަތަކުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާތީ، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

އެމްއެފްޑީއޭއިން ފާހަގަކުރި ގޮތުގައި، ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން އެކި ގޮތްގޮތުން ބޭސް އިމްޕޯޓްކޮށް، އޮންލައިން ޕްލެޓްފޯމްތަކާއި އާދައިގެ ފިހާރަތަކުގައި ވިއްކަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ސިއްޙީ ޚިދުމަތުގެ ޤާނޫނުގެ ދަށުން ބޭހާ ބެހޭ ޤަވައިދަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާއިރު، ރާއްޖެއަށް އެތެރެކުރާ ކޮންމެ ބޭސަކީވެސް އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށް، 'އެޕްރޫވްޑް ޑްރަގް ލިސްޓް' ގައި ހިމެނޭ ބޭހަކަށް ވާންޖެހެއެވެ.

ރަޖިސްޓްރީ ނުކޮށް ވިއްކާ ބޭސްތަކަކީ އޭގައި ހިމެނޭ މާއްދާތަކާއި، އޭގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. "މިފަދަ ގޮތް ނޭނގޭ ބޭސް ބޭނުންކުރުމަކީ އޭގެ ސަބަބުން ހީވެސް ނުކުރާ ފަދަ ބޮޑެތި ސިއްޙީ ނުރައްކާތަކާ ކުރިމަތިލާންޖެހިދާނެ ކަމެއް" ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ. މިހާތަނަށް ބެލިބެލުމުން މިގޮތަށް އެންމެ ގިނައިން ވިއްކާ 21 ބާވަތެއްގެ ބޭސް ވަނީ ފާހަގަކުރެވިފައެވެ.

އެމްއެފްޑީއޭއިން ވަނީ ހުއްދަނެތި ބޭސް އިމްޕޯޓްކޮށް، ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާ މެދު ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނާއި ބޭހުގެ ޤަވައިދުގެ ދަށުން ފިޔަވަޅު އަޅާނެކަން ހާމަކޮށްފައެވެ. މީގެ ތެރޭގައި އޮންލައިން ވިޔަފާރިތަކާއި އާދައިގެ ފިހާރަތައްވެސް ހިމެނޭނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *