Wednesday, 29 July 2026
ރައީސް މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހުގެ ޑިއުޓީ ކަނޑާލަން ނިންމި ނިންމުމަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. މި ނިންމުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 20 މެއި 2026 އިން ފެށިގެންނެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. މި ބަދަލުގެ ސަބަބުން ދިވެހި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ރަށްރަށުގެ އިގްތިސާދީ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ އިނގިރޭސިވިލާތުގެ ބާޒާރުގައި ދިވެހި މަހުގެ ބާވަތްތަކަށް އޮތް ފުރުސަތުތައް ފުޅާވެގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަކީ ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރާ ގައުމެއްގެ ގޮތުގައި ދުނިޔެ ބަލައިގަންނަ ގައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ތާރީޚީ ނިންމުމުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުމާއި، ދެމެހެއްޓެނިވި ވިޔަފާރިއަށް ދެ ގައުމުން ދޭ އަހައްމިއްޔަތު ހާމަވެގެންދާ ކަމަށެވެ. މި ނިންމުމަށްޓަކައި ރައީސް ވަނީ އިނގިރޭސި ސަރުކާރަށާއި މިކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިކަމާ ގުޅިގެން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކް ލޯ ވިދާޅުވީ، މިއީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށާއި ދިވެހި މަސްވެރިންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ. ޑިއުޓީ ކަނޑާލުމުން އިނގިރޭސިވިލާތުގެ ބާޒާރުގައި މަހުގެ އަގު ހެޔޮވެ، ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ އުފެއްދުންތަކަށް ބޮޑު މާކެޓެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ މަހުގެ ބާވަތްތައް އެންމެ ގިނައިން ބޭރުކުރާ އެއް ގައުމެވެ. މިހާރު ނަގަމުންދާ 20 އިންސައްތައިގެ ޑިއުޓީ ކަނޑާލުމަކީ ދިވެހި މަސްވެރިންނަށް ބައިނަލްއަގުވާމީ ބާޒާރުގައި ވާދަވެރި އަގުތަކެއްގައި މަސް ވިއްކުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *