Tuesday, 28 July 2026
ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ހުޅުވުން -- ފޮޓޯ: ޕީއެސްއެމް

ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗުގައި ހުޅުވައިފި

ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސްގެ ފުރަތަމަ ފާމަސީ "ސްޓޭޓްފާމާ އައި.ޖީ.އެމް.އެޗް ފާމަސީ" ގެ ނަމުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އޯޕީޑީ ސަރަހައްދުގައި މިއަދު ހުޅުވައިފިއެވެ. މި ފާމަސީ ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް އާއި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރުއެވެ.

ސްޓޭޓްފާމާއިން ބުނި ގޮތުގައި މި ފާމަސީއަކީ ރައްޔިތުންނަށް ދަތިކަމެއް ނެތި ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭނެ ތަނެކެވެ. މި ފާމަސީން އާންމު ބޭސްތަކުގެ އިތުރުން، ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައިދިނުމުގެ ޚާއްޞަ އިންތިޒާމުތަކެއް ވެސް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޭނުންވާ ބޭހާއި ސިއްޙީ އާލަތްތައް ސީދާކޮށް ފޯރުކޮށްދިނުމުގެ ތައްޔާރީތައް ވެސް ދަނީ ވަމުންނެވެ.

މި ކުންފުނީގެ މައިގަނޑު އަމާޒަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" ބޭސް ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އެގޮތުން އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ދަށުން ހިންގާ ހުރިހާ ފާމަސީތަކެއް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރުކާރު ފާމަސީއެއްގެ ސްޓޮކް ބެލޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ފާމަސީގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އެ ކުންފުންޏަށް ބޭނުންވާ ފާމަސިސްޓުންނާއި އެސިސްޓެންޓުން ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް ފާމަސޫޓިކަލް އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުނީގެ މަސައްކަތްތައް ފުރިހަމައަށް ހިނގައިގަތުމުން، ރާއްޖޭގެ ބޭހުގެ މާކެޓަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *