Tuesday, 28 July 2026
ސްރީލަންކާގެ ފުލުހުންތަކެއް -- ފޮޓޯ: އައލެންޑް.އެލްކޭ

ލަންކާގައި ގަވާއިދާ ހިލާފަށް ހިންގި ޓްރާންސްމިޝަން ސެންޓަރެއް ބަލައި ފާސްކޮށް ދިވެއްސަކު ހައްޔަރުކޮށްފި

ސްރީ ލަންކާގެ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ ހައި ސެކިއުރިޓީ ޒޯނެއްގައި ސިއްރުން ހިންގަމުންދިޔަ ޓީވީ އަދި ރޭޑިއޯ ޓްރާންސްމިޝަން ސެންޓަރެއް އެ ގައުމުގެ ފުލުހުން ބަލައި ފާސްކޮށް، ދިވެއްސަކު ހިމެނޭހެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ ނިއުސް ވަޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ (އެމްބީއައި) އާއި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި ދިވެހި މީހާގެ ވަކިވަނާމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ސެންޓަރު ހިންގަމުން ގޮސްފައި ވަނީ ޓްރެވަލް ކުންފުންޏެއްގެ ނަމުގައި އައްޓިޑިއާ ސަރަހައްދުގައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެތަނުން 50 މިލިއަން ރުޕީސްގެ އަގުހުރި ސާމާނު ހިފަހައްޓާފައެވެ. އޭގެ ތެރޭގައި ސެޓެލައިޓް ރިސީވަރުތަކާއި، ސެޓެލައިޓް ޑިޝްތަކާއި، ކޮމްޕިއުޓަރު ސިސްޓަމްތަކުގެ އިތުރުން ސްޓާލިންކް ޔުނިޓެއް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ސެންޓަރުން ވަނީ އަމިއްލަ ޓެލެކޮމް ޕްރޮވައިޑަރެއްގެ ޑޭޓާ ބޭނުންކޮށްގެން ސެޓެލައިޓް މެދުވެރިކޮށް ޓީވީ ޗެނަލްތައް ޑައުންލޯޑްކޮށްފައެވެ. އަދި މި ޗެނަލްތަކާއި ރޭޑިއޯގެ ހިދުމަތްތައް ލަންކާގެ އެކި ސަރަހައްދުތަކަށާއި ގައުމުން ބޭރުގެ ކަސްޓަމަރުންނަށް ގަވާއިދާ ހިލާފަށް ރީޑިސްޓްރިބިއުޓް ކުރަމުންދިޔަ ކަމަށްވެސް ތުހުމަތު ކުރެވެއެވެ.

ލަންކާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *