Wednesday, 29 July 2026
މަރުވި އިޓަލީގެ 5 ޑައިވަރުންނާއި، އެމީހުން ތިބިކަމަށް ބެލެވޭ ހޮހޮޅަ ހުރި ސަރަހައްދު -- ފޮޓޯ: ދަ ސިޑްނީ މޯނިންގް ހެރަލްޑް

ފަސް ޑައިވަރުން މަރުވި ހާދިސާގެ ޖިނާއީ ތަހުގީގެއް އިޓަލީއިން ފަށައިފި

ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން އުޅުމުގެ ތެރޭގައި އިޓަލީވިލާތުގެ ފަސް ޑައިވަރުން މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން، އިޓަލީގެ ޕްރޮސެކިއުޓަރުން ޖިނާއީ ތަހުގީގެއް ފަށައިފިއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު މިހާރު ވަނީ ނަގާފައެވެ. އަދި ބާކީ ތިބި މީހުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ އެހީތެރިކަމާއެކު އަންނަނީ ކުރަމުންނެވެ.

އިޓަލީގެ ޕްރޮސެކިއުޓަރުން މި މައްސަލަ ތަހުގީގު ކުރަނީ އެއްވެސް ފަރާތެއްގެ އިހުމާލުން މީހަކު މަރުވިތޯ ބެލުމަށެވެ. މި ހާދިސާއާ ގުޅިގެން ޑައިވަރުން ދަތުރުކުރި "ޑިއުކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް މިހާރު ވަނީ ވަގުތީ ގޮތުން ހިފަހައްޓާފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ވިދާޅުވީ، ސަރުކާރުގެ ތަހުގީގު ބޮޑަށް އަމާޒުކުރާނީ ދަތުރު އިންތިޒާމުކުރި ފަރާތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް ކަމަށެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޖެނޯއާ ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސާ މޮނިކާ މޮންޓެފަލްކޯނޭ އާއި އެ ޔުނިވާސިޓީގެ ބައެއް ދަރިވަރުންނާއި ރިސާޗަރުން ހިމެނެއެވެ. ޔުނިވާސިޓީން ބުނެފައިވަނީ އެ މީހުން ރާއްޖެ އައީ ރަސްމީ ދިރާސާއަކަށް ކަމަށްވިޔަސް، ހާދިސާ ހިނގި ޑައިވްއަކީ އަމިއްލަ ގޮތުން ކުރި ކަމެއް ކަމަށެވެ. މަރުވި މީހުންގެ ތެރެއިން ދެ މީހަކީ ސަރުކާރަށް ހުށަހެޅި ލިސްޓުގައި ނެތް ދެ މީހުންކަންވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާ ހިނގި ހޮހަޅައަކީ ގާތްގަނޑަކަށް 200 ފޫޓު އަޑީގައި އޮތް، އޮއިވަރު ގަދަ އަދި ތަންތަން ނުފެންނަ ވަރަށް ނުރައްކާތެރި ތަނެއްކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. މި މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފްގެ ޑައިވަރަކުވެސް ވަނީ ޑީކޮމްޕްރެޝަން ބަލީގައި މަރުވެފައެވެ. ފިންލޭންޑުގެ ޓީމުން މިހާތަނަށް ހޯދި ހަށިގަނޑުތައް ފެނިފައިވަނީ ރާއްޖޭގައި ފީނުމަށް ހުއްދަދީފައިވާ މިންގަނޑަށްވުރެ މާ ފުން ހިސާބަކުންނެވެ.

މި ހާދިސާގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ރާއްޖެއާއި އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *