އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، މި ފަތުރުވެރިންގެ ހަށިގަނޑުތައް ލޮކޭޓް ކުރެވިފައިވަނީ އެ މީހުން ޑައިވްކުރަން ފޭބި ވ. އަލިމަތާ ކޭވްގެ ތެރެއިންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ފޭބި ފަސް ފަތުރުވެރިންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެ ދުވަހު ފެނިފައިވާއިރު، ބާކީ ތިބި ހަތަރު މީހުން ވެސް ތިބީ 200 ފޫޓު ދިގު އެ ކޭވްގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް ސިފައިން ކުރިން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަން އަލުން ފަށާފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު ހިންގި ރިކަވަރީ އޮޕަރޭޝަނުގެ ތެރޭގައި ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން މެދުކަނޑާލުމަށްފަހުއެވެ. ސަރުކާރުން ނިންމެވީ މި ނުރައްކާތެރި އޮޕަރޭޝަނުގައި ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަން ހޯދުމަށެވެ.
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދާ އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވަނީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައިސްފައިވާ ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނެވެ. މި މާހިރުންނަށް އެހީތެރިވުމުގައި ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން އަމިއްލަ ދެ ކުންފުންޏެއްގެ ޑައިވަރުން ވެސް ބައިވެރިވެއެވެ.
އިޓަލީގެ ފަސް ފަތުރުވެރިން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ. އޭގެ ތެރެއިން ފުރަތަމަ މީހާގެ ހަށިގަނޑު ފެނުނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑިންނެވެ. މި ހާދިސާއާ ގުޅިގެން ކޭވްގެ ތެރޭގައި ހުރި ކަންތައްތައް ދެނެގަތުމަށް، އެ މީހުން ބޭނުންކުރި ގޯޕްރޯ ކެމެރާއަކުން މުހިންމު މައުލޫމާތުތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން މުޅި ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ހުއްޓިފައިވާއިރު، ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ.


