ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރި "ސުމޫދު ފްލޮޓީލާ" އަށް އިސްރާއީލުން ހުރަސްއަޅައި، އޭގައި ތިބި ބައިވެރިން ހައްޔަރުކުރި މައްސަލަ ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ 10 ގައުމަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން މި އުޅަނދުތައް ހުއްޓުވައި، އޭގައި ތިބި އެކްޓިވިސްޓުން ރަހީނުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ޖަރީމާއެއްގެ ގޮތުގައި އެ ގައުމުތަކުން ވަނީ ސިފަކޮށްފައެވެ.
މިކަމާ ގުޅިގެން ރާއްޖެއާއި، ބްރަޒިލް، އުރުދުން، ޕާކިސްތާން، ސްޕެއިން، ބަންގްލަދޭޝް، ކޮލަމްބިއާ، އިންޑޮނޭޝިއާ، ތުރުކީވިލާތް އަދި ލީބިޔާގެ ހާރިޖީ ވަޒީރުން ގުޅިގެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސުމޫދު ފްލޮޓީލާ އަކީ ޣައްޒާގެ އިންސާނީ ކާރިސާއަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ހިންގާ ސުލްހަވެރި ހަރަކާތެއް ކަމަށެވެ. ނަމަވެސް އިސްރާއީލުން އެ ހަރަކާތަށް ހުރަސްއަޅައި ހިންގަމުންދާ އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު އަމަލުތަކެއްކަން ވަޒީރުން ފާހަގަކުރެއްވިއެވެ.
ވަޒީރުންގެ ބަޔާނުގައި އިސްރާއީލުން މީގެ ކުރިންވެސް މިފަދަ އެހީގެ އުޅަނދުތަކަށް ހަމަލާދީ ހިންގާފައިވާ ލާއިންސާނީ އަމަލުތަކަށް އިޝާރާތްކުރައްވައި، އާންމު ރައްޔިތުންނާއި އެކްޓިވިސްޓުންގެ ރައްކާތެރިކަމާމެދު ބޮޑު ކަންބޮޑުވުމެއް އޮތްކަން ވަނީ ހާމަކުރައްވާފައެވެ. އަދި މިހާރު ހައްޔަރުކޮށްފައިވާ ހުރިހާ އެކްޓިވިސްޓުން ވަގުތުން ދޫކޮށްލުމަށާއި، އެ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން، ކަނޑުދަތުރުފަތުރު ކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި އިސްރާއީލުން ތަކުރާރުކޮށް ހިންގާ މިފަދަ ޖަރީމާތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް އެ ގައުމުތަކުން ބުނެއެވެ. އިސްރާއީލުން ހިންގާ މިފަދަ އަމަލުތަކަށް ޖަވާބުދާރީ ކުރުވައި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށްވެސް 10 ގައުމުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.


