ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާން މިއަދު އާންމުކުރައްވައިފިއެވެ. ފާއިތުވި ހަ މަސް ދުވަހުގެ މާލީ ހިސާބުތައް ދައްކާގޮތުން ރައީސްގެ ނަންމަތީގައި ތިން ބޭންކް އެކައުންޓެއް ހުރެއެވެ. އެއީ ބޭންކް އޮފް މޯލްޑިވްސްގެ ކަރަންޓް އެކައުންޓަކާއި ސޭވިންގްސް އެކައުންޓެއްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުރި ސޭވިންގްސް އެކައުންޓެކެވެ.
މި ބަޔާނުގައިވާ ގޮތުން ރައީސްގެ ބީއެމްއެލް ކަރަންޓް އެކައުންޓުގައި 184,845.52 ރުފިޔާ، ސޭވިންގްސް އެކައުންޓުގައި 1,701,470.44 ރުފިޔާ އަދި އެމްއައިބީ އެކައުންޓުގައި 1,000 ރުފިޔާ އެބަހުއްޓެވެ. މީގެ އިތުރުން އެމަނިކުފާނުގެ މިލްކިއްޔާތުގައި ވާރުތައިން ލިބިފައިވާ މާލޭ ދިމްޔާތާއި، 5.5 މިލިއަން ރުފިޔާގެ ރޯހައުސްއަކާއި، ހއ. ވަށަފަރުގައި ހުރި 150,000 ރުފިޔާގެ ގޯއްޗެއްގެ އިތުރުން މ. ފިގް ހިމެނެއެވެ. އަދި 260,000 ރުފިޔާގެ ކާރެއް ވެސް ރައީސްގެ މިލްކިއްޔާތުގައި އޮވެއެވެ.
ފާއިތުވި ހަ މަސް ދުވަހު ރައީސަށް އާމްދަނީގެ ގޮތުގައި މުސާރައިން 285,024 ރުފިޔާ ލިބިވަޑައިގެންފައިވާއިރު، ހުޅުމާލޭ ރޯހައުސް ކުލީގެ ގޮތުގައި 240,000 ރުފިޔާ އަދި އާއިލާއިން ހަދިޔާކުރި ފައިސާގެ ގޮތުގައި 180,000 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މާލީ ބަޔާނުގައިވާ ގޮތުން މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީއަށް ދައްކަންޖެހޭ 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނެއް އެމަނިކުފާނުގެ ނަންމަތީގައި އެބައޮތެވެ.
މީގެ އިތުރުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް ވޭތުވެދިޔަ ހަ މަސް ތެރޭގައި އެލަވަންސްގެ ގޮތުގައި 199,999 ރުފިޔާ އަދި ދިމްޔާތު ކުންފުނީގެ މުސާރައިގެ ގޮތުގައި 78,000 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އަދި ހެލްތު މިނިސްޓްރީގެ ކޮންސަލްޓަންޓްގެ މުސާރައިގެ ގޮތުގައި 4,927 ރުފިޔާ އެކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ.
ގާނޫނުއަސާސީގެ 120 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކޮންމެ އަހަރަކު އެ ބޭފުޅެއްގެ މިލްކިއްޔާތާއި، މާލީ މުއާމަލާތްތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވަން ޖެހެއެވެ.


