ޅ. މާފިލާފުށިން މާލެއަށް ދަތުރު ކުރަނިކޮށް ފަޅައިގެން ގޮސް އަޑިއަށް ދިޔައީ ނެޝަނަލް ސާވިސްގެ ދަރިވަރުންތަކެއް ގޮވައިގެން ދަތުރުކުރި ލޯންޗެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ ކައިރިންނެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، އަޑިއަށް ދިޔައީ ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ކޯސް-2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗެވެ. ހުޅުމާލެއާ ހިސާބުން ލޯންޗު ފަޅައިގެން ގޮސް ދިޔަވެ އަޑިއަށް ދާން ފެށުމުން، އެ ލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފައެވެ.
ފުލުހުން ބުނީ މާފިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން، މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގަައި ވަގުތުން ހަރަކާތްތެރިވާން ފެށި ކަމަށެވެ. ކަނޑުވި ދަރިވަރުން މިހާރު ވަނީ ސަލާމަތްކޮށްގެން މާލެ ގެނެސްފައެވެ.
މި ހާދިސާގައި ކަނޑުވި ހުރިހާ ދަރިވަރުންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ދަނީ މި ހާދިސާގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.


