ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންދެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދެވެ.
ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ދެ ބޭފުޅުންގެ މި ފޯނު ކޯލުގައި ދެ ގައުމުގެ ދޭދޭ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ. މިގޮތުން ރާއްޖޭގެ ތަރައްގީގައި ސައުދީ އަރަބިއްޔާއިން އަދާކުރާ މުހިންމު ދައުރު މިނިސްޓަރު އިރުތިޝާމް ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު އިރުތިޝާމްގެ ވާހަކަފުޅުގައި، ވޭތުވެދިޔަ ދެ އަހަރުވެސް 'މައްކާ ރޫޓު އިނިޝިއޭޓިވް' ގައި ރާއްޖެ ހިމަނައި، ދިވެހި ހައްޖާޖީންނަށް ފޯރުކޮށްދެމުންދާ ލުއިފަސޭހަ ހިދުމަތްތަކަށްޓަކައި ސައުދީ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ވަފުދުތަކަށް ބަހައްޓަވާ މެހްމާންދާރީވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސަރަހައްދީ ތަރައްގީއާއި ހަމަޖެހުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. ސަރަހައްދީ ރައްކާތެރިކަން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ފުރިހަމަ ތާއީދު އަބަދުވެސް އޮންނާނެކަމުގެ ޔަގީންކަން މިނިސްޓަރު އިރުތިޝާމް މި ކޯލުގައި ދެއްވިއެވެ.


