Tuesday, 27 October 2026
ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި) -- ފޮޓޯ: ފުލުހުން

ވަގަށް ނެގި 13.6 މިލިއަން ސިނގިރޭޓުގެ މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

މި މައްސަލައިގެ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 11:00 ގައެވެ. މި މައްސަލައަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ހުރި ކޮންޓެއިނަރަކުން ސިނގިރޭޓްތައް ވަގަށް ނެގި މައްސަލައެކެވެ.

މި މައްސަލާގައި ދައުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނޭ މުހައްމަދު ވަހީދާއި، އަހްމަދު އާރިފް އަދި މުޢާޒް އަލީގެ މައްޗަށް އުފުލާފައިވަނީ ވައްކަން ކުރުމަށް ރޭވުމާއި، މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމުގެ ދައުވާތަކެވެ. މީގެ އިތުރުން ޒިވާރު އިސްމާއީލާއި، އަހްމަދު ޝަހީމް އަދި އަހްމަދު ފިރުސާންގެ މައްޗަށް ވައްކަން ކުރުމާއި ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ވަނީ އުފުލާފައެވެ. ދެން ތިބި މީހުންގެ މައްޗަށް އުފުލާފައިވަނީ މި ކަމުގައި ބައިވެރިވުމުގެ ދައުވާތަކެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގައި ތުހުމަތުކުރެވުނު މުހައްމަދު ޝަރީފުގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ނެތުމުން، އޭނާގެ ބައި ވަނީ އަނބުރާ ފުލުހުންނަށް ފޮނުވާލާފައެވެ. މި ބޮޑު ވައްކަމުގެ ތަހުގީގަށް ފުލުހުން ވަނީ މާލެއާއި، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ބަލައި ފާސްކޮށް، 19 މީހަކު ރާއްޖެއިން ފުރުން މަނާކޮށްފައެވެ. އަދި މި މައްސަލައާ ގުޅުންހުރި ފަސް އުޅަނދެއް ވެސް ވަނީ ބަލައި ފާސްކޮށްފައެވެ.

މި މައްސަލައަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ މުދަލެއް ވަގަށް ނެގި ސީރިއަސް މައްސަލައަކަށް ވާތީ، މިއަދު ފަށާ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މީހުން ދައުވާއަށް އިއުތިރާފުވޭތޯ ނުވަތަ ނޫންތޯ ބަލައި، މައްސަލައިގެ އިތުރު މަރުހަލާތައް ކުރިއަށް ގެންދާނެއެވެ. މި މައްސަލާގައި ހިމެނޭ މީހުންގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *