"އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓަރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ. ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާ މި މައްސަލަ ބޭރުކޮށްލެއްވީ، އެ އަމުރު އިސްތިއުނާފުކުރުމުގެ ހައްގު އެ ޖަމުއިއްޔާއަށް ނެތްކަމަށް ކަނޑައެޅުމަށްފަހުގައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި މި އަމުރުގައި އަންގާފައިވަނީ ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމެންޓަރީ މުޖުތަމައުގައި ދައުރުނުކުރުމަށާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ނުދެއްކުމަށެވެ. މި އަމުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކަށްވެސް އެކަން އަންގާފައެވެ.
އެމްޖޭއޭގެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެން، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ފަރާތުން މިހާރު ވަނީ މި މައްސަލަ ހައިކޯޓުގައި އަލުން އިސްތިއުނާފުކޮށްފައެވެ. މި މައްސަލައާ ގުޅިގެން އެ ނޫހުގެ ސީއީއޯއާއި އެޑިޓަރުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ ނޫހުގެ ދެ ނޫސްވެރިޔަކު މިހާރު ތިބީ ޖަލު ބަންދުގައެވެ.
މި އަމުރަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި އާންމުންގެ އަސާސީ ހައްގުތަކަށް ހުރަސްއެޅޭ ކަމެއްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ މިކަން ކުށްވެރިކޮށް، މިއީ ޑިމޮކްރެސީގެ އަސާސްތަކަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.


