Tuesday, 28 July 2026
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބުރު -- ފޮޓޯ: އެކްސް

ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުން 344 ދަރިވަރަކު ދަސްވެނިވެއްޖެ

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބުރުގެ ތަމްރީނުތައް ފުރިހަމަކޮށް 344 ދަރިވަރަކު ދަސްވެނިވެއްޖެއެވެ. ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ.

މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ފެށި މި ތަމްރީނު ޕްރޮގްރާމަކީ ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. ރާއްޖޭގެ 112 ރަށަކުން 350 ބައިވެރިންނާއެކު ފެށި މި ބެޗުން 344 ދަރިވަރުން ވަނީ ކާމިޔާބުކަމާއެކު ތަމްރީނުތައް ނިންމާފައެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް އަޒުމް ލައިދިނުމުގެ އިތުރުން ޝަރަފުގެ ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ.

ތަމްރީނު ފުރިހަމަކުރި ދަރިވަރުންނަށް ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ކޮމިއުނިޓީ ވޮލަންޓިއަ ފަޔަ ފައިޓަ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަ އެޑިއުކޭޝަން ޓްރެއިނިން ފަދަ ދާއިރާތަކުން ސެޓްފިކެޓްތައް ވަނީ ދީފައެވެ. މީގެއިތުރުން، މި ބުރުން ހޮވޭ ދަރިވަރުންނަށް ބ. ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި އިސްލާމްދީނަށް އޮތް ލޯބި އިތުރުކޮށް، ޤައުމަށް ޚިދުމަތްކުރާނެ ޒުވާނުން ބިނާކުރުމަށް 2025 އޮކްޓޯބަރު 1 ގައި ފެށި ޕްރޮގްރާމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައިވެސް 344 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *