Tuesday, 28 July 2026
މަރުވި އިޓަލީގެ 5 ޑައިވަރުންނާއި، އެމީހުން ތިބިކަމަށް ބެލެވޭ ހޮހޮޅަ ހުރި ސަރަހައްދު -- ފޮޓޯ: ދަ ސިޑްނީ މޯނިންގް ހެރަލްޑް

ގެއްލުނު ޑައިވަރުން ހޯދުމަށް ފިންލެންޑުގެ ތަޖުރިބާކާރުން ރާއްޖެ އަތުވެއްޖެ

ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށްޓަކައި، ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ. ހޮހަޅަތަކަށް ފީނުމުގެ ހާއްސަ ތަޖުރިބާ ލިބިފައިވާ ތިން ޑައިވަރުން ހިމެނޭ މި ޓީމު ރާއްޖެ އައީ މިއަދު ހެނދުނުގެ ވަގުތެއްގައި، މިފަދަ ނުރައްކާތެރި އަދި ފުން ހިސާބުތަކުގައި ބޭނުންކުރާނެ ޒަމާނީ ޓެކްނިކަލް ސާމާނާވެސް އެކުގައެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، ފިންލެންޑުގެ ޓީމުން މިހާރު ދަނީ ރާއްޖޭގެ ކޯސްޓްގާޑުގެ ސިފައިންނާ ގުޅިގެން ކުރިއަށް އޮތް މަސައްކަތްތައް ރޭވުމަށް މަޝްވަރާ ކުރަމުންނެވެ. މި މަޝްވަރާތަކަށް ފަހު، މެދުކަނޑާލާފައިވާ ރެސްކިއު އޮޕަރޭޝަންތައް އަލުން ފަށާނެ ވަގުތެއް ކަނޑައަޅާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާގައި ގެއްލުނު ފަސް ޓޫރިސްޓުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެންމެ މީހެއްގެ ހަށިގަނޑެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މި ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 60 މީޓަރު އަޑީގައި އޮތް ބޮޑު ހޮހަޅައެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީކަމަށް ބެލެވެނީ ގާތްގަނޑަކަށް 200 ފޫޓު ދިގު މި ހޮހަޅައިގެ ތެރޭގައެވެ. މި މަސައްކަތުގައި އުޅުނު ސިފައިންގެ ޑައިވަރު، ސްޓާފް ސާޖެންޓް މުހައްމަދު މަހުދީ ވަނީ ހާލު ދެރަވެގެން ފަރުވާ ދެމުންދަނިކޮށް ނިޔާވެފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ޑައިވަރުން ދަތުރުކުރި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ވަނީ މިހާރު ސަސްޕެންޑް ކޮށްފައެވެ. ސަރުކާރުން ދަނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *