ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބޭއްވި މި ޖަނާޒާގައި، ސާޖަންޓް ފަސްޓް ކުލާސް މަހުދީގެ ޝަރަފުގައި ހަތްބަޑީގެ ސަލާމެއް އަރުވާފައިވެއެވެ. އަދި އޭނާ ފަސްދާނުލުމުގެ ކުރިން، ސަންދޯކުގައި އަޅާފައި އޮތް ޤައުމީ ދިދަ އާއިލާއާ ވަނީ ހަވާލުކޮށްފައެވެ. މި ހިތާމަވެރި ވަގުތުގައި ސިފައިންގެ ދިދަ ވަނީ 48 ގަޑިއިރަށް ބައިދަނޑިއަށް ތިރިކޮށްފައެވެ.
ނިޔާވި މަހުދީއަކީ ސިފައިންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ގިނަ ދުވަހު އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވިންގ ޔުނިޓުގައި މަސައްކަތްކުރެއްވި، ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާ ޤާބިލު ޑައިވަރެކެވެ. އޭނާ ވަނީ ޑައިވިންގ ދާއިރާއިން މީހުން ބިނާކުރުމުގައި މުދައްރިބެއްގެ ގޮތުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
މަހުދީގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާއަށް ވަނީ 4 މެޑެއްޔާއި 9 ކުލަ ލިބިވަޑައިގެންފައެވެ. މީގެ ތެރޭގައި އިންސާނީ ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ ކުލައާއި، ހިތްވަރުގަދަކަމުގެ ކުލަ ހިމެނެއެވެ. މަހުދީ ނިޔާވީ ޤައުމީ ވާޖިބެއް އަދާކުރެއްވުމުގެ ތެރޭގައި ކަމަށްވާތީ، މިއީ ދިވެހި ސިފައިންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި އެމްއެންޑީއެފުން ފާހަގަކުރެއެވެ.


