Tuesday, 28 July 2026
އެސްޓީއޯގެ އަަހަރީ އާންމު ޖަލްސާ -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި

ދައުލަތުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބަހަން މިރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގައި ބޭއްވި މި ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ބައިވެރިވެފައިވެއެވެ.

މިއީ އެސްޓީއޯގެ ތާރީޚުގައި ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދުކަން އެ ކުންފުނިން ފާހަގަކުރެއެވެ. މިދިޔަ އަހަރު އެސްޓީއޯއިން ހިއްސާއަކަށް ބަހާފައިވަނީ 80 ރުފިޔާއެވެ. އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 15.55 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 763 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މިރޭގެ ޖަލްސާގައި ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރަކަށް މުޙައްމަދު އަޙުސަން ސަލީމް ވަނީ އައްޔަންކޮށްފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ހަމަޖައްސައި، އެ ފަރާތަށް އުޖޫރައިގެ ގޮތުގައި 1,009,800 ރުފިޔާ ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝީމާދު އިބްރާހީމް ވިދާޅުވީ، އެސްޓީއޯއަކީ އިންފްލޭޝަނުން ރައްކާތެރި އިންވެސްޓްމެންޓެއް ކަމަށާއި، ފުރަތަމަ ހިއްސާ ގަތް ފަރާތްތަކުގެ ކެޕިޓަލް މިހާރު 500 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކޮށް ފައިދާ އިތުރުކުރުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *