Tuesday, 28 July 2026
އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: އޭޕީ

ހޮރްމޫޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އދ. އަށް ހުށަހެޅި ގަރާރު ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފި

ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބަހުރައިން، ކުވައިތު، ގަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ޖޯޑަން އިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެ ގަރާރު ކޯ-ސްޕޮންސާ ކޮށްފިއެވެ.

މި ގަރާރަކީ ހޮރްމޫޒު ކަނޑުއޮޅީގައި އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށާއި، ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ހުށަހެޅި ގަރާރެކެވެ. މީގެ އިތުރުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ގަރާރުގެ މައިގަނޑު އެއް މަގުސަދެވެ.

މިކަމާ ގުޅޭގޮތުން ހާރިޖީ ވުޒާރާއިން ވިދާޅުވީ، މި ގަރާރު ކޯ-ސްޕޮންސާ ކުރަން ނިންމި ނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކުގެ ދަށުން ރާއްޖެއިން ގަބޫލުކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ހާއްސަކޮށް ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ލިބިދޭ ހާއްސަ އިހްތިސާސްތަކާއި ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ ދެއްވާފައެވެ.

ހާރިޖީ ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން މި ގަރާރުގައި ބައިވެރިވީ ރާއްޖޭގެ ގައުމީ މަސްލަހަތަށާއި ކަނޑުގެ ސަރަހައްދީ އިހްތިސާސަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކުން އިސްތިސްނާވާ ގޮތުގެ މަތިންނެވެ. މިއީ ގަލްފުގެ މަސްރަޙު ގޯސްވިޔަނުދީ، ބައިނަލްއަގްވާމީ ވިޔަފާރި ނިޒާމަށް ކުރިމަތިވާ ދަތިތައް ކުޑަކުރުމަށް ރާއްޖެއިން ދޭ އިސްކަން ހާމަކޮށްދޭ ނިންމުމެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *