މި އަހަރު ހައްޖުގެ މުގައްދަސް އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ފުރަތަމަ ގްރޫޕް މިއަދު ހަވީރު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ. ސައުދީ އެއާލައިންގެ ފްލައިޓެއްގައި ފުރި މި ގްރޫޕުގައި ޖުމްލަ 238 ހައްޖާޖީން ހިމެނެއެވެ.
މިއަދު ހަވީރު 15:34 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި މި ފްލައިޓް ސައުދީއަށް ޖައްސާނެ ކަމަށް ލަފާކުރެވެނީ ރާއްޖެ ގަޑިން މިރޭ 20:34 ހާއިރު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. މި އަހަރު ހައްޖުވެރިން އުފުލުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިންގެ އިތުރުން ގައުމީ އެއާލައިން މޯލްޑިވިއަންގައެވެ.
ހައްޖުވެރިންނަށް އަލްވަދާއު ކިޔުމަށްޓަކައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ މިއަދު އެއާޕޯޓަށް ވަޑައިގެންނެވިއެވެ. ހައްޖުވެރިންނަށް އެއާޕޯޓަށް ދިއުމަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މާލެއާއި ހުޅުމާލެއިން ހާއްސަ ބަސް ދަތުރުތަކެއް ސަރުކާރުން ވަނީ އިންތިޒާމުކޮށްދީފައެވެ.
މިއަދު ފުރި ފުރަތަމަ ގްރޫޕަށްފަހު، ކުރިއަށް އޮތް އާދިއްތަ އަދި ހޯމަ ދުވަހުވެސް އިތުރު ގްރޫޕްތައް ފުރުމަށް ވަނީ ހަމަޖެހިފައެވެ.


