މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގާތްގަނޑަކަށް 2.84 މިލިއަން އަކަފޫޓުގެ ބިން ދޫކޮށްފައިވަނީ ބާޒާރުގެ އަގަށް ވުރެ މާ ދަށް އަގުތަކެއްގައެވެ. މީގެ ސަބަބުން އެޗްޑީސީއަށް ލިބުނު މާލީ ގެއްލުން ގާތްގަނޑަކަށް 1.08 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އޮޑިޓް ރިޕޯޓުގައި އަންދާޒާކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2024 އަށް ބިން ދޫކުރުމުގެ މަރުހަލާގައި ބޭނުންކޮށްފައިވާ އަގު ކަނޑައެޅުމުގެ މޮޑެލްތަކާއި، ވެލުއޭޝަން ހެދި ގޮތްތަކުގެ އިތުރުން ނިންމާފައިވާ ސިޔާސީ ނިންމުންތަކާ މެދު ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. މި ސްކީމް ބައްޓަންކޮށްފައިވާ ގޮތާއި ފައިސާ ދެއްކުމުގެ އިންތިޒާމްތަކުގެ ސަބަބުން އެޗްޑީސީއަށް ކުރިއަށް އޮތް ތަނުގައި ލިބެން ހުރި އާމްދަނީއަށާއި ކުންފުނީގެ މާލީ ދެމެހެއްޓެނިވިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން އެކި ކެޓަގަރީތަކުން ބިން ދޫކޮށްފައިވާ ގޮތާއި، އޭގެ ސަބަބުން ދައުލަތުގެ ބޯހިޔާވަހިކަމާ ބެހޭ ކުންފުންޏަށް ކުރި މާލީ އަސަރުތައް މި އޮޑިޓުގައި ވަނީ ތަފްސީލީ ގޮތެއްގައި ދިރާސާކޮށްފައެވެ. ބިންވެރިޔާ ސްކީމަކީ ހުޅުމާލެއިން ގޯތި ހޯދުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމަށް ތައާރަފްކުރި މަޝްރޫއެކެވެ.


