Tuesday, 28 July 2026
ވ. އަތޮޅުގައި ފީނަން ގޮސް އުޅުނު އިޓަލީ ވިލާތުގެ ޑައިވަރުންތައް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ސަރަހައްދަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ވ. އަތޮޅުން ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުނު އިޓަލީ ވިލާތުގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ގެއްލުނު މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ސަރަހައްދަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ކަމާބެހޭ އިދާރާތަކުން އެ ސަރަހައްދުގައި ގާއިމުވެތިބެގެން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތަފްސީލުތައް ރައީސަށް ވަނީ ހިއްސާކޮށްފައެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތަކާ ބައްދަލުކުރައްވައި، ރައީސް ވަނީ މި އޮޕަރޭޝަނަށް ބޭނުންވާނެ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި ސަރުކާރުގެ އިސް ތަރުޖަމާނު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހާދިސާގައި ފީނަން ދިޔަ ފަސް ޑައިވަރުންގެ ތެރެއިން އެކަކު ނިޔާވެފައިވާއިރު، ބާކީ ތިބި ހަތަރު މީހުން އަދިވެސް ފެނިފައެއް ނުވެއެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ރައީސް ވަނީ އިޓަލީގެ ރައީސް ސަރޖިއޯ މަޓަރެއްލާއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *