Tuesday, 28 July 2026
ރައީސް ޑރ. މުހައްމަދު މުއިއްޒު

ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި ހުރިހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ އާއިލާއެއްގެވެސް އަސްލަކީ އަދި ފެށުމަކީ މައިންބަފައިން ކަމަށެވެ. އަދި މާތްﷲގެ އެއްކައުވަންތަކަން ގަބޫލުކުރުމަށްފަހު، މުސްލިމަކު އެންމެ ބޮޑު އިސްކަމެއް ދިނުމަށް އަމުރުވެވިގެންވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ކިޔަމަންގަތުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ އިސްލާމްދީނުގައި އާއިލީ ގުޅުމަށް ދީފައިވާ މަތިވެރި ގަދަރާއި އަހުމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އާއިލީ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އާއިލާއަކީ ދުވަހަކުވެސް ކެނޑިގެން ނުދާނެ ފަދަ މަތިވެރި ލޭގެ ގުޅުމެއް ކަމަށެވެ. އަދި ގައުމެއްގެ އިޖުތިމާއީ ފޭރާން ވަރުގަދަކޮށް އިސްލާހުކުރުމުގެ އެންމެ މުހިންމު ބިންގަލަކީ ބަދަހި އަދި ހަރުދަނާ އާއިލާތަކެއް ބިނާކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ދިވެހި ކޮންމެ ރައްޔިތަކަށްމެ އާއިލީ ލޯތްބާއި އަޅައިލުން ލިބިގެންވާ ބާއްޖަވެރި ހަޔާތަކަށް އެދި ދުއާކުރައްވަމުންނެވެ.

"ދިވެހި ކޮންމެ ރައްޔިތަކަށްމެ އާއިލީ ލޯތްބާއި އަޅައިލުމާއެކު ބާއްޖަވެރި ހަޔާތަކަށް އެދި ދުއާކުރަމުން މި އުފާވެރި ދުވަހުގެ ތަހުނިޔާ އަރިސްކުރަން،" ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *