ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިއްޔެ މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރޭގައި ޔުނިވަސިޓީ އޮފް ޖެނޯއާގެ މަޝްހޫރު ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް ހިމެނޭކަން އެ ޔުނިވަސިޓީން ކަށަވަރުކޮށްދީފިއެވެ.
އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އަކީ ޔުނިވަސިޓީ އޮފް ޖެނޯއާގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ އިތުރުން، އިޓަލީގެ މަޝްހޫރު ޓީވީ ޝަހުސިއްޔަތެކެވެ. އޭނާއަކީ ކަނޑުގެ މާހައުލާއި ދިރުންތަކާ ބެހޭ ދިރާސާވެރިއެއްގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ. މި ހާދިސާގައި މަރުވި އަނެއް ތިން މީހުންނަކީ އިޓަލީގެ މިއުރިއަލް އޮޑެނީނޯ އާއި ޖިއަންލޫކާ ބެނެޑެޓީގެ އިތުރުން ފެޑެރިކޯ ގުއަލްޓިއޭރީ ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، ގެއްލުނު ފަސް މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެންމެ މީހެއްގެ ހަށިގަނޑެވެ. އެ މީހާ ފެނިފައިވަނީ ކަނޑުގެ 60 މީޓަރު އަޑީގައި އޮތް ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު މީހުން ވެސް ވީ ގާތްގަނޑަކަށް 200 ފޫޓު ދިގު އެ ކޭވްގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް ސިފައިން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީގެ ފޮރިން މިނިސްޓްރީން ވަނީ ގެއްލުނު ފަސް މީހުން ވެސް މަރުވެފައިވާ ކަމަށް ކަނޑައަޅާފައެވެ.


