ރާއްޖޭގައި ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު، އިދިކޮޅު ފަރާތްތަކުގެ ކިބައިގައި ޒިންމާދާރުކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުގެ އަމާޒަކީ ގައުމަށް ހެވާ ލާބަ ލިބޭނެ ކަންކަން ކުރުން ކަމަށާއި، ހާއްސަކޮށް ކޮރަޕްޝަން ނައްތާލުމަށް ހަގީގީ މާނައިގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތާ ދެކޮޅަށް ބަޔަކު ނުކުތް ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި، ސަރުކާރާއި ޕީއެންސީގެ ސަޕޯޓަރުން ތިބީ މިކަމުގައި ބަދަހިކޮށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށާއި ނެރެދޭ ނަތީޖާއަށް ރައްދު ދޭނެ އޮއްޓަރެއް އިދިކޮޅު ފަރާތްތަކުގެ އަތުގައި ނެތް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އިސްކުރަނީ އަމިއްލަ އެދުން ކަމަށާއި، އެބޭފުޅުންގެ މެދުގައި އިހުލާސްތެރިކަމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
"ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު އެންމެ ލެކްވާ އެއްޗަކީ ޒިންމާދާރު އޮޕޮޒިޝަންއެއް. މިތާކު ނެތް ޒިންމާދާރު އޮޕޮޒިޝަންއެއް. މިތާގަ އޮތީ ފުރުސަތު ލިބުނު ކޮންމެ ފަހަރަކު ތިމަންނާއަށް އެންމެ ބޮޑު ބައެއް ހޯދޭނެ ގޮތެއް ބަލައިގެން މަސައްކަތްކުރި ފަރާތްތަކެއް،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ސިފަކުރެއްވި ގޮތުގައި އިދިކޮޅުގައި ތިބީ ދީނާއި ގައުމަށްވުރެ އަމިއްލަ މަންފާ އިސްކުރާ ބަޔެކެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުތަކުގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް ރައީސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ކޮވިޑް-19 ގެ ތެރޭގައި ހިނގި ވެންޓިލޭޓަރުގެ މައްސަލައާއި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ބަލައި، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކަށް އަދަބު ދިނުމަށް މިނިވަން މުއައްސަސާތަކަށް ރައީސް ވަނީ ގޮވާލައްވާފައެވެ.


