Tuesday, 28 July 2026
ބަޔަކު ޑައިވް ކުރަނީ -- ފޮޓޯ: ޓްރެވަލް.އާތް

އެކަކު ފެނުނީ 60 މީޓަރު ފުނުގައި އޮތް ހޮހަޅައަކުން، ބާކީ 4 މީހުންވެސް ތިބިކަމަށް ބެލެވެނީ އެތަނުގައި: އެމްއެންޑީއެފް

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކަކު، ކަނޑުއަޑީގެ ގާތްގަނޑަކަށް 60 މީޓަރު ފުނުގައި އޮތް ހޮހަޅައެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިފައިވާކަން ކަމާބެހޭ އިދާރާތަކުން މިރޭ ކަށަވަރުކޮށްދީފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން ބުނި ގޮތުގައި، މިއަދު މެންދުރު ފަހު ގާތްގަނޑަކަށް 13:45 ހާއިރު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ފެށި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގެ ތެރެއިން، އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ އިރުއޮއްސި 18:13 ހާއިރުއެވެ.

ކަމާބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި، ގެއްލިގެން ހޯދަމުންދާ އަނެއް ހަތަރު ޑައިވަރުން ވެސް ތާށިވެފައިވަނީ ގާތްގަނޑަކަށް 200 ފޫޓު ދިގު އެ ހޮހަޅައިގެ ތެރޭގައެވެ. އެ ސަރަހައްދުގެ ފުންމިނާއި ހާލަތު ހުރިގޮތުން، މިއީ ނުރައްކާތެރި އޮޕަރޭޝަނެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި އޮޕަރޭޝަނަށް އެހީތެރިވުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ޚާއްޞަ ޑައިވިން އިކުއިޕްމަންޓްތައް މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.

ފެނުނު ހަށިގަނޑު މިހާރު ވަނީ ވ. ފުލިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

ގެއްލުނު އަނެއް ޑައިވަރުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރިއަށްދާއިރު، މި މަސައްކަތުގައި އެ މީހުން ދަތުރުކުރި ސަފާރީ އާއި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި އަލިމަތާ ރިސޯޓުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *