ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަނިކޮށް، އެ އެންމެން ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށް ކުރިން ބުނެވުނީ އޮޅުމަކުން ކަމަށާއި، މި ހާދިސާގައި ފެނިފައިވަނީ އެކަކު ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އެމީހުން ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.
މި ހާދިސާގައި ގެއްލިފައިވަނީ އިޓަލީއަށް ނިސްބަތްވާ ފަސް ފަތުރުވެރިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ގެއްލުނު މީހުންގެ ތެރެއިން ބާކީ ތިބި 4 މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. އަދި ފެނުނު މީހާ އޮތީ މަރުވެފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން އިތުރަށް ބުނީ، މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް މީޑިއާއާ ހިއްސާކުރަމުންދާނެ ކަމަށެވެ.


