Tuesday, 28 July 2026
އެފްރިކަން އައިވޯމް ނެގުމަށް އޮޕަރޭޝަން ކުރަނީ / ފޮޓޯ: އޭއީއެޗް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ރާއްޖޭގައި އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓް ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި "ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްކުރީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވި 68 މެންބަރުންގެ އިއްފިތާގުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހުށަހެޅި މި ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ބަދަލުކުރުމުގެ ހިދުމަތަކީ އެންމެނަށް ވާސިލްވެވޭނެ، ރައްކާތެރި އަދި ފެންވަރު ރަނގަޅު ހިދުމަތަކަށް ހެދުމެވެ. ބިލު ދިރާސާކުރި އިޖުތިމާޢީ ކޮމިޓީން ވަނީ މި ބިލުގައި ހިދުމަތްދޭ ފަރާތްތަކާއި ހޯދާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ތަފްސީލުކޮށް ހިމަނާފައެވެ.

ބިލުގައިވާ ގޮތުން ރާއްޖޭގައި ހުއްދަ ދެވޭނީ ހަމައެކަނި "ލައިވް-ޑޯނަރ" ނުވަތަ ދިރިހުރި މީހެއްގެ ގުނަވަން ބަދަލުކުރުމަށެވެ. ގުނަވަން ހަދިޔާކުރެވޭނީ އުމުރުން 18 އަހަރުވެފައިވާ، ބުއްދި ސަލާމަތުން ހުރި ދިވެހިންނަށެވެ. ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ ފަރާތްތަކަށް ގުނަވަން ހަދިޔާކުރުމުގެ ހުއްދައެއް ނޯންނާނެއެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު 9 މެންބަރުންގެ މައްޗަށް އެކުލެވޭ "ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް" އެއް އުފައްދާނެއެވެ. މި ކައުންސިލުން ހިދުމަތްދޭ މަރުކަޒުތަކުގެ ޝަރުތުތައް ބަލައި، ހުއްދަ ދިނުމާއި ބާތިލުކުރުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، ވަކިވަކި ޓްރާންސްޕްލާންޓްތަކަށް ހުއްދަ ދިނުމަށްޓަކައި 5 މެންބަރުންގެ "ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އެއްވެސް އުފެއްދުމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގައި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މީހެއްގެ ނުރުހުމުގައި ގުނަވަން ނެގުމާއި، ގުނަވަން ގަނެވިއްކުމަކީ ބޮޑު ކުށެކެވެ. މިފަދަ ކަންކަމުގައި ބައިވެރިވާ ސިއްހީ ހިދުމަތްތެރިންނާއި މަރުކަޒުތައް ޖޫރިމަނާކުރުމުގެ އިތުރުން ޖަލު އަދަބު ދިނުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު ގާނޫނަކަށް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *