މި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް އަވަސްކުރުމަށް ދެ ފަރާތުން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީއެއް ކުރިއަށް ގެންދިއުމާ ގުޅޭގޮތުންވެސް ވަނީ ވާހަކަދައްކަވާފައެވެ.
މި ބައްދަލުވުމުގައި ވިޔަފާރި އާއި ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމުގެ ނިޒާމުތައް ތަރައްގީކުރުމަށާއި، ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މިއީ ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ބޭނުންވާ ޓާމްސް އޮފް ރިފަރެންސްއަށް ދެ ގައުމުން އެއްބަސްވެފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ އެ މަޝްވަރާތައް އަމަލީ ސިފައަކަށް ގެނައުމަށް ކުރެވޭ މަސައްކަތްތަކެކެވެ.


