Tuesday, 27 October 2026
މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް: --- ފޮޓޯ: މަޖިލިސް

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅައިފިއެވެ. މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ޤާނޫނު އަސާސީއާއި މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

ނާޒިމް މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަށްފަހު، އޭނާ ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް ބޭނުންވާ މެންބަރުންގެ ސޮއި ވަނީ ހަމަކޮށްފައެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރަން ހުށަހެޅޭނީ މަދުވެގެން 24 މެންބަރުންގެ ސޮޔާއެކުގައެވެ.

ޖުމްލަ 93 މެންބަރުން ތިއްބަވާ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ 76 މެންބަރުން ތިއްބަވައެވެ. މަޖިލީހުގެ ނައިބު ރައީސްކަމުން ބޭފުޅަކު ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނާޒިމް މި މަޤާމަށް އިންތިޚާބުކުރީ 28 މެއި 2024 ގައި ބޭއްވި ވޯޓުގައި 80 މެންބަރުންގެ ތާއީދާއެކުގައެވެ.

އަޙްމަދު ނާޒިމަކީ މީގެކުރިން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. މި މައްސަލަ ކުރިއަށްދާނެ ވަކި ތާރީޚެއް މަޖިލީހުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *