Tuesday, 28 July 2026
ފޮޓޯ: އިލެކްޝަން ކޮމިޝަން

ދ. މީދޫ ކައުންސިލް ރައީސް ހޮވަން އަލުން ވޯޓުލާން ޖެހިއްޖެ

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގައި ބާތިލު ވޯޓެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި ނިންމުމާ އެކު ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެ، އެ މަގާމަށް މީހަކު ހޮވުމަށް އަލުން ވޯޓުލުން ބާއްވަން ޖެހޭނެއެވެ.

މި އިންތިޚާބުގެ ނަތީޖާ އީސީން އެންމެ ފުރަތަމަ އިއުލާނުކުރިއިރު، 393 ވޯޓާ އެކު ކުރި ހޯއްދެވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމެވެ. އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް އޭރު ލިބުނީ 392 ވޯޓެވެ. ނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ފޮއްޓަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާ މައްސަލައާއި، ބާތިލު ވޯޓުތަކުގެ މައްސަލަ އީސީއަށް ހުށަހެޅުމުން، ކޮމިޝަނުން ނަތީޖާ ބަދަލުކޮށް ޝާހިދު އިންތިޚާބު ކާމިޔާބުކުރި ކަމަށް ނިންމިއެވެ.

އީސީގެ އެ ނިންމުން ސުހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ، އޭނާއަށް ލިބުނު ވޯޓެއްގައި ފާހަގަޖެހި ދެލި ނޫން އެހެން ދެއްޔަކުން ރޮނގެކެއް އެޅިފައި އޮތުމުން އެއީ ބާތިލު ވޯޓެއް ކަމަށް އީސީން ނިންމި ނިންމުމާ ގުޅިގެންނެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ވަނީ އެއީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅައި، ނަތީޖާ އަލުން އިއުލާނުކުރުމަށް އަމުރުކޮށްފައެވެ.

ހައިކޯޓުގެ މި ހުކުމާ އެކު، ސުހާއާއި ޝާހިދަށް ލިބުނު ވޯޓުގެ އަދަދު ވަނީ 392 އިން އެއްވަރުވެފައެވެ. އެހެންކަމުން، ގާނޫނީ ގޮތުން މިހާރު ޖެހޭނީ އެ ރަށުގެ ކައުންސިލް ރައީސް ހޮވުމަށް އަލުން އިންތިޚާބެއް ބާއްވާށެވެ.

މީގެ އިތުރުން، އިއްޔެ ހައިކޯޓުން ވަނީ މ. ވޭވަށު ކައުންސިލްގެ އިންތިޚާބާ ގުޅޭ މައްސަލައެއްގައި ވެސް ހުކުމްކޮށްފައެވެ. އެ މައްސަލައިގައި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު ތިން ވޯޓެއް ބާތިލުކުރުމާ ގުޅިގެން، އެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓަށް ވަނީ ކާމިޔާބުވެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *