ކުރީގެ ދެ ވަޒީރުން ކަމުގައިވާ ޠާރިގް އިބްރާހިމް އާއި އާދަމް ޝަރީފު އުމަރު ސަފީރުންގެ ގޮތުގައި އައްޔަން ކުރުމުގެ މައްސަލަ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައިވާ ގޮތުން، ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް އައްޔަން ކުރައްވަން ނިންމަވާފައިވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށެވެ. އަދި ކުރީގެ ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އައްޔަން ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ޤަތަރަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށެވެ.
މި ދެ ބޭފުޅުން ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ގެންނަން ބޭނުންފުޅުވި ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. ވަޒީރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، މި ދެ ބޭފުޅުން މިހާރު ތިއްބެވީ ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމުގައެވެ.
މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަން ކުރުމުގެ މައްސަލަ މިހާރު ވަނީ ދިރާސާ ކުރުމަށްޓަކައި މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.


