ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރު އާ މިއަދު ނިއުދިއްލީގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ. ހާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިގްތިސާދީ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ވަޒީރު އިރުތިޝާމް ވިދާޅުވީ، އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ނިއުދިއްލީއަށް ވަޑައިގެންނެވުމުން ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ވިދާޅުވި ހޫނު މަރުހަބާއަށާއި، ޑރ. ޖައިޝަންކަރު ދެއްވި ދައުވަތަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ ގުޅުމަށް އާ ދިރުމެއް ލިބިގެންދާނެއެވެ. ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ބިނާކުރުވަނިވި ގޮތެއްގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒްގެ ދައުވަތަކަށް ވަަޒީރު އިރުތިޝާމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން އިތުރަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.


