ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ނޫސްވެރިޔާ އަހުމަދު އަޒާންގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ، 'ދައުރު' ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި އެ ނޫސް ހިންގާ ނެކްސްޓް މީޑިއާ ގްރޫޕާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
މި ދައުވާ އުފުލާފައިވަނީ 'ދައުރު' ނޫހުގައި ޝާއިއުކޮށްފައިވާ "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުހީގެ ދަށުން ލިޔެފައިވާ އާޓިކަލްއަކާ ގުޅިގެންނެވެ. އަޒާން ކޯޓުގައި އެދިވަޑައިގެންފައިވަނީ އެ ލިޔުމުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބިފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.
މީގެ އިތުރުން، އެ ލިޔުން ނޫހުން ޑިލީޓް ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރުކޮށްދިނުމަށްވެސް އަޒާން ވަނީ އެދިވަޑައިގެންފައެވެ. އަދި އަބުރާ ބެހުމުގެ ބަދަލެއްގެ ގޮތުގައި 5،000 ރުފިޔާ އާއި، މި މައްސަލައިގެ ގާނޫނީ ހަރަދުގެ ގޮތުގައި ހިނގި 28،670 ރުފިޔާ ނަގައިދިނުމަށްވެސް ދައުވާގައި އެދިފައިވެއެވެ.
މި މައްސަލައިގެ ޝަރީއަތް ނިމެންދެން، 'ދައުރު' ނޫހުގައިވާ އެ ލިޔުން އާންމުންނަށް ނުފެންނާނެހެން ހިފެހެއްޓުމުގެ ވަގުތީ އަމުރަކަށްވެސް އަޒާން ވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ 'އަދަދު' ނޫހުގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، އެ ނޫހުގެ ދެ ނޫސްވެރިއަކަށް ޖަލު ހުކުމެއް އިއްވާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.


