Tuesday, 28 July 2026
ކުރީގެ 3 ރައީސުން-ފޮޓޯ: ރައީސްޮއޮފީސް އަދި އެޓޯލްޓައިމްސް

ނަޝީދާއި ޞާލިޙާއެކު، ނޫސްވެރިކަމުގެ މިނިވަންކަން އަލުން އިޔާދަކުރުމަށްޓަކައި މަސައްކަތްކުރަން ތައްޔާރު: ކުރީގެ ރައީސް ޔާމީން

ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރުމަށްޓަކައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހާމަކުރައްވައިފިއެވެ. ރައީސް ޔާމީން މިކަން ހާމަކުރެއްވީ 'އަދަދު' ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްލުމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ކޯޓު އަމުރަކާ ޚިލާފުވި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން ޢަލީ ނަސީރު 10 ދުވަހަށް އަދި މުޙައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައެވެ. މި މައްސަލައިގައި ރައީސް ޔާމީން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން މި ހަމަލާއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް، މިނިވަންކަން އިޔާދަކުރުމުގެ މަސައްކަތުގައި އެމްޑީޕީގެ އިސް ދެ ރައީސުންނާއެކު މަސައްކަތްކުރައްވަން އެއްބަސްވެލައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވަނީ ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ކުރީގެ ތިން ރައީސުން އެކުގައި ނުކުމެ ގައުމު ސަލާމަތްކުރުމަށް ގޮވާލައްވާފައެވެ. "ތަފާތު ވިސްނުންތައް އެއް ފަރާތްކޮށް، ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް، ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ،" ފައްޔާޒް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުން ތިބީ ތިން ރައީސުންނާއެކު މި މަސައްކަތުގައި ބައިވެރިވާން ތައްޔާރަށް ކަމަށެވެ.

މީގެ އިތުރުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ބާއްވާ އިޙުތިޖާޖުގައި ބައިވެރިވެވަޑައިގަންނަވާނެކަން އިޢުލާންކުރައްވާފައެވެ. "އަޅުގަނޑު ވެސް އިޙުތިޖާޖުގައި ހުންނާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މިރޭ ބާއްވާ އިޙުތިޖާޖަށް ވީހާވެސް ގިނަ ބަޔަކު ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

ނޫސްވެރިން ޖަލަށްލީ މައްސަލައިގައި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ސީޕީޖޭ، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އައިފްޖޭން ވަނީ ހައްޔަރުކުރި ދެ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ. މި ދެ ނޫސްވެރިންގެ ތެރެއިން ލީވާން ހާޒިރުކުރީ ކޯޓު އަމުރަކާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށްވާއިރު، ޝަހުޒާން ހާޒިރުކުރީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސާ ސުވާލުކުރި މައްސަލައިގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *