މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ އަރަބިއްޔާއަށް ފުރާ ޙައްޖާޖީންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ޚާއްޞަ އިންތިޒާމުތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަމަޖައްސައިފިއެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި މި އިންތިޒާމުތައް ހަމަޖައްސާފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެންނެވެ. މި އަހަރު ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓާއި ސައުދިއާގެ ދެ ފްލައިޓެއްގައެވެ. މި ފްލައިޓްތަކުން ފުރާ ޙައްޖާޖީންނަށް ’މައްކާ ރޫޓް އިނިޝިއޭޓިވް' ގެ ދަށުން ޚާއްޞަ ލުއިތަކެއް ލިބިގެންދާނެއެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ. މީގެ ތެރެއިން 15 މޭ 2026 ވާ ހުކުރު ދުވަހު ސައުދިއާގެ ފުރަތަމަ ފްލައިޓުން 242 ޙައްޖާޖީން ފުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ދުވަހު ޙައްޖުވެރިން ގޮވައިގެން އަންނަ ބަސްތައް މަޑުކުރާނީ ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ކުރިމައްޗަށެވެ. އަދި ޙައްޖާޖީންނަށް ހުކުރު ނަމާދުކުރުމުގެ އިންތިޒާމު ވޯޓަރ ފްރަންޓު އިމާރާތުގެ ތިރީގައި ހަމަޖެހިފައިވާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
މީގެ އިތުރުން، މެއި 17، 18 އަދި 19 ވަނަ ދުވަހު ފުރާ ޙައްޖާޖީންގެ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ޑްރޮޕް އޮފް ސަރަހައްދަށެވެ. އަދި އެ ދުވަސްތަކުގައި ޙައްޖާޖީން މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ކޮންކޯސް އޭރިއާގައެވެ.
އެމްއޭސީއެލްއިން އިތުރަށް ބުނެފައިވަނީ، ޙައްޖާޖީން ފުރާ ވަގުތުތަކުގައި އެއަރޕޯޓުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެއަރޕޯޓުގެ އޮފިޝަލުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ. ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމަކުރުމަށްޓަކައި ކަމާބެހޭ ހުރިހާ ފަރާތްތަކަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


