Tuesday, 28 July 2026
ދިވެހި ރުފިޔާގެ ގޮތުގައި ބޭނުންކުރާ ނޫޓުތަކެއް---ފޮޓޯ: ބާޒާރު

ފައިސާ ނޫޓު ބޭނުންކޮށްގެން އާޓް އުފެއްދުމަށް ރަޖިސްޓަރީވުމުގެ ސުންގަޑި މާދަމާރެއަށް ހަމަވާނެ

ބާވެ ހަލާކުވުމުގެ ސަބަބުން ކުނޑިކޮށްފައިވާ ރަންދިހަފަހެއް ސީރީސްގެ ނޫޓުތައް ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރުމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލާފައިވާ މުބާރާތަށް ރަޖިސްޓްރީވުމުގެ ސުންގަޑި މާދަމާއަށް ހަމަވާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 14 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:59 އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ބޭނުންކުރުން ހުއްޓާލައި ކުނޑިކޮށްފައިވާ ފައިސާ ބޭނުންކޮށްގެން މާނަވީ އަދި އުފެއްދުންތެރި ތަކެތި ތައްޔާރުކޮށް، އެ ތަކެއްޗަށް އައު ދިރުމެއް ގެނެސްދިނުމެވެ. މިއީ ދިވެހި ފަންނުވެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމަށް ހުޅުވާލެވުނު ތަފާތު ފުރުސަތެކެވެ.

މި މުބާރާތް ބަހާލެވިފައިވަނީ މައިގަނޑު ދެ ދާއިރާއަކަށެވެ. އެއީ ކުނޑިކޮށްފައިވާ ނޫޓުތައް ބޭނުންކޮށްގެން އާޓްވޯކް ތައްޔާރުކުރުމުގެ ކެޓަގަރީ އާއި، ހަނދާނެއްގެ ގޮތުގައި ބެހެއްޓޭނެ "ސުވެނިއަރ" ފަދަ ތަކެތި ޑިޒައިންކޮށް އުފެއްދުމުގެ ކެޓަގަރީއެވެ. ސުވެނިއަރ ކެޓަގަރީން ހޮވޭ އުފެއްދުމަކީ އެމްއެމްއޭގެ ރަސްމީ ހަދިޔާގެ ގޮތުގައި ބޭނުންކުރެވޭނެ ފަދަ އެއްޗަކަށް ވާންޖެހޭއިރު، އާޓްވޯކްތަކުގެ އަސާސީ މާއްދާއަކަށް ވާންޖެހޭނީ ނޫޓު ކުނޑިއެވެ.

މި މުބާރާތަކީ ދިވެހިންނަށް އެކަނި ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މުބާރާތެކެވެ. މުބާރާތުގައި ވަކިވަކި ފަރުދުންގެ ގޮތުގައިވެސް، ޓީމުތަކުގެ ގޮތުގައިވެސް އަދި ވިޔަފާރިތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮތްއިރު، ބޭނުންނަމަ ދެ ކެޓަގަރީގައިވެސް ވާދަކުރެވޭނެއެވެ. މުބާރާތުން ހޮވާލެވޭ އެންމެ މޮޅެތި އުފެއްދުންތައް މިއަހަރުގެ ޖުލައި މަހު ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ގައި ދައްކާލުމަށް ބަހައްޓާނެ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.

މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، ސްވެނިއަރ ޑިޒައިންކޮށްގެން ވަނަ ހޯދާ ފަރާތްތަކަށް އެމްއެމްއޭއާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން އެ ތަކެތި އުފެއްދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެމްއެމްއޭގެ ވެބްސައިޓުގައިވާ ފޯމާއި ޕްރޮޕޯސަލް ފުރިހަމަކުރުމަށްފަހު currency.section@mma.gov.mv އަށް އީމެއިލް ކުރަންޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *