މިނިސްޓަރު ހީނާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އަތުލައިގަނެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއަދު ފެންނަމުންދަނީ މި ހައްގުތައް އެއްވެސް އިންތިހާއެއް ނެތި ހުޅުވާލެވިފައި އޮތުމުން، ބައެއް ފަރާތްތަކުން އޭގެ ނާޖާއިޒު ފައިދާ ނަގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރުފުޅަށް އަރައިގަނެ ގަޒްފުކުރަމުންދާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހީނާ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރާ ހުރިހާ ނޫސްވެރިން ފުލުހަށް ނުވަތަ ކޯޓަށް ނުގެންދާ ކަމަށާއި، ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު ހުރިހާ ނޫސްވެރިންނަށްވެސް އެބައޮތް ކަމަށެވެ. ނަމަވެސް ކޯޓު އަމުރަކާ ހިލާފުވާން ފުރުސަތު ދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަކަށްވެސް ލިބިވަޑައިގެން ނުވާކަމަށާއި، ގާނޫނުތަކާ ހިލާފުވުމުން ފިޔަވަޅު އެޅޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ނަފާ ހޯދުމަށްޓަކައި މީހުންގެ އަބުރަށް އަރައިގަތުމާއި ދޮގު އިލްޒާމް އެޅުވުން ފެތުރެމުންދަނީ ރޯވަމުންދާ އަލިފާންގަނޑެއް ފަދައިން ކަމަށް ސިފަކުރައްވަމުން، ޒާތީނުވެ އަދި ދޮގު ނަހަދައިވެސް ސަރުކާރު ޒިންމާދާރު ކުރެވޭނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މިނިވަންކަމުގެ ބޭނުން ހިފުމުގައި ޒިންމާދާރުވުމަށް އޭނާ ވަނީ ހުރިހާ ފަރާތްތަކަކަށް އިލްތިމާސް ކުރައްވާފައެވެ.


