ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ކަނޑައެޅިފައިވާ ވަގުތު ޖެހުނުއިރު ޖަލްސާގެ ގާނޫނީ އަދަދު ނުވަތަ ކޯރަމް ހަމަނުވުމުގެ ސަބަބުން، މިއަދުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.
އާންމުކޮށް ހެނދުނު 9:00 ގައި ފަށާ ޖަލްސާގެ ކޯރަމް ހަމަނުވުމުން، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ފުރަތަމަ ނިންމެވީ 10:00 ގައި ޖަލްސާ ފެށުމަށެވެ. ނަމަވެސް، އެ ވަގުތު ޖެހުނުއިރު ވެސް ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ވަނީ ނިންމާލާފައެވެ.
މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ނިންމާލިއިރު، މަޖިލީހުގެ ތަޅުމުގައި ތިއްބެވީ ރިޔާސަތުގައި އިންނެވި ނާޒިމްގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އެންމެ ހަ މެންބަރުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް ވެރިކަންކުރާ ޕީއެންސީގެ އެއްވެސް މެންބަރަކު މިއަދުގެ ޖަލްސާއަށް ހާޒިރުވެފައެއް ނުވެއެވެ. 93 މެންބަރުން ހިމެނޭ މި މަޖިލީހުގެ ޖަލްސާއެއް ފެށުމަށް ބޭނުންވާ ކޯރަމަކީ 23 މެންބަރުންނެވެ.
މި ހާދިސާ ހިނގާފައި މިވަނީ ޕީއެންސީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މިއަދު ހެނދުނު ބޭރުކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، މިދިޔަ މަހުގެ ތެރޭގައި މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. ނަމަވެސް، މި ބަދަލުތަކާ ގުޅޭގޮތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާ މާދަމާއަށް ފަސްކުރިއިރު، މަޖިލީހުގެ ގަވާއިދު ބުނާގޮތުން މާދަމާއަކީ މި ހިނގާ ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވައި، މަޖިލިސް ޗުއްޓީއަށް ދާންޖެހޭ ދުވަހެވެ.


