Tuesday, 28 July 2026
ޝަހުޒާން އާއި ލީވާން---ފޮޓޯ:އަދަދުނޫސް

ކޯޓު އަމުރާ ހިލާފުވި މައްސަލައިގައި 'އަދަދު' ނޫހުގެ ލީވާނާއި ޝަހުޒާން ޖަލަށް ލުމަށް ހުކުމް ކޮށްފި

'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން، ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވި ކަމަށް ބުނެ ޖަލަށް ލުމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް އަދި ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށް ލުމަށެވެ.

މި ދެ ނޫސްވެރިން ޖަލަށް ލާފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކުރި ކަމުގެ ތުހުމަތު އޮތް މައްސަލައެއްގައި، އެ މައްސަލައާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އާންމު އަމުރަކާ ހިލާފުވި ކަމަށް ބުނެއެވެ. މި އަމުރަކީ 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި، ޕީޖީ އޮފީހުން އެދިގެން ނެރުނު އަމުރެކެވެ.

ނޫސްވެރިޔާ ލީވާން އަލީ ނާސިރު މިއަދު ހެނދުނު 11:00 އަށް ކޯޓަށް ހާޒިރުކުރީ، ކޯޓުން ނެރުނު އަމުރާ ހިލާފަށް އެ އަމުރު ނެރުނު ކަމުގެ ހަބަރު ލިޔުނު ކަމަށް ބުނެއެވެ. އަދި މުހައްމަދު ޝަހުޒާން މިއަދު މެންދުރުފަހު 1:00 އަށް ކޯޓަށް ހާޒިރުކުރީ، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އަމުރާ ހިލާފަށް ރައީސް މުއިއްޒުއާ ސުވާލުކުރި ކަމަށް ބުނެއެވެ.

މި މައްސަލާގައި ޝަހުޒާން ކޯޓަށް ހާޒިރުވީ ވަކީލަކާ ނުލައެވެ. އޭނާ ވަކީލަކު އައްޔަންކުރުމަށް 10 ދުވަހުގެ ފުރުސަތަކަށް އެދުނު ނަމަވެސް، ކޯޓުން ދީފައިވަނީ ދެ ގަޑިއިރުގެ ވަގުތެކެވެ. އެ ވަގުތުގެ ތެރޭގައި ވަކީލަކު ހަމަނުޖެހުމުން އޭނާ އަޑުއެހުމަށް ހާޒިރުވީ ވަކީލަކާ ނުލައެވެ. މި މައްސަލައިގެ އަޑުއެހުންތައް ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ، ދެ ނޫސްވެރިން ވެސް މިހާރު ޖަލަށް ލާފައިވާ ކަމަށާއި، އެ މީހުން ހައްޔަރުކުރީ ތުހުމަތުތަކާ މެދު ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *