ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު ހަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލާގައި ހުކުމްކޮށްފައިވަނީ ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ (43އ) ގެ މައްޗަށެވެ.
ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ރިޔާސާގެ މައްޗަށް ބްލެކްމެއިލް ކުރުމާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އުފުލާފައިވަނީ 2022 ވަނަ އަހަރުއެވެ. މި މައްސަލަތަކުގައި އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ އޭނާގެ އިއުތިރާފުންނެވެ. އެހެންކަމުން، މި މަހުގެ 3 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމް އިއްވާފައެވެ.
ކްރިމިނަލް ކޯޓުން ރިޔާސާގެ މައްޗަށް އިއްވާފައިވަނީ ދެ ދައުވާއަކަށް ވަކިވަކިން ދެ ހުކުމެވެ. އެއީ:
- އޮރިޔާންކާޑު ގެންގުޅުމުގެ ކުށަށް: 3 އަހަރުގެ ޖަލު ހުކުމެއް
- ބްލެކްމެއިލް ކުރުމުގެ ކުށަށް: 3 އަހަރުގެ ޖަލު ހުކުމެއް
ވަކިވަކިން ކުރިއަށްގެންދިޔަ މި ދެ ދައުވާގެ ތަފްސީލީ ރިޕޯޓު، އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމުގެ ގޮތުން ކޯޓުގެ ވެބްސައިޓުގައި އާންމުކޮށްފައެއް ނުވެއެވެ. އެހެންކަމުން މައްސަލައިގެ އިތުރު ތަފްސީލެއް އަދި ސާފެއް ނުވެއެވެ. އަދި ހުކުމްކުރުމާ ހަމައަށް އޭނާ ހުރީ ބަންދުގައި ކަމެއް ނުވަތަ ނޫން ކަމެއްވެސް ސާފުވާކަށް ނެތެވެ.


