މި ދަތުރުފުޅުގައި މިނިސްޓަރު އިރުތިޝާމް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވައި، ރަސްމީ ވާހަކަތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފޮރިން މިނިސްޓްރީން މިއަދު ބުނީ، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން، ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ފޮރިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ދަތުރުފުޅެކެވެ. މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ހާރިޖީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ފުރުސަތެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓަރު އިރުތިޝާމްގެ މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހީމް ޒުހޫރީ އާއި އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ގުރައިޝާ ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފުދުން އިންޑިއާގެ އިސް ބޭފުޅުންނާ ބައްދަލުކޮށް، ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ މުހިންމު މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ.


