Tuesday, 28 July 2026
ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު -- ފޮޓޯ: ރައީސް އޮފީސް

މި ވަގުތު ލިބިފައި ހުރި ބިންތަކުގައި އެޅޭނީ 10,700 ފުލެޓް: މިނިސްޓަރު މުއްޠަލިބު

މި ސަރުކާރުގެ ހައުސިން މަޝްރޫޢުތަކުގެ ދަށުން ފުލެޓު އެޅުމަށް އިތުރު ބިން ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މި ވަގުތު މިނިސްޓްރީއަށް ލިބިފައި ހުރި ބިންތަކުގައި އެޅޭނީ 10,700 ފުލެޓު ކަމަށާއި، އެހެންކަމުން އެހެން ކަންކަމަށް ކަނޑައަޅާފައިވާ ބިންތަކުގެ ތެރެއިން ހައުސިންއަށް ބިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު މުއްޠަލިބު ފާހަގަކުރެއްވި ގޮތުގައި މާލެ ސަރަހައްދުގައި ބިން ހުރި ގޮތުން ކުރިން އުންމީދު ކުރީ 12,000 ފުލެޓު އެޅުމަށެވެ. ނަމަވެސް ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ފުލެޓު އަޅާ ބިންތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓުތައް ޖައްސާ ރޫޓަށް ވާތީ، ސިވިލް އޭވިއޭޝަނުން ވަނީ ޓަވަރުތަކުގެ އުސްމިނަށް ބަދަލު ގެނެސްފައެވެ. އެގޮތުން ކުރިން 17 ބުރިއަށް ނެގޭނެ ކަމަށް ބެލެވުނު ބައެއް ޓަވަރުތައް މިހާރު އިމާރާތް ކުރެވޭނީ 14 ބުރިއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދުން އިތުރު ބިންތައް ހޯދައިގެން ހައުސިން ޔުނިޓްތަކުގެ އަދަދު އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ ޝައުގުވެރިކަން ވެސް ބޮޑުކަން ފާހަގަކުރައްވަމުން މުއްޠަލިބު ވިދާޅުވީ، ދައުލަތުން ބިން ދީގެން ވަކި ކޮންޓްރޯލް އަގުތަކެއްގައި ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ފަރާތްތަކަށް ފުލެޓު ވިއްކުމަށް ޕްރައިވެޓް ސެކްޓާއިން ބޭނުންވާ ކަމަށެވެ. މިއީ ބޯހިޔާވަހިކަމުގެ ދަތިކަމަށް އޮތް ބޮޑު ހައްލެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ގުޅީފަޅާއި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ތަންތަން ތަރައްގީކޮށް، އާންމުންނަށް އެ ތަންތަނުގައި ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ރައްޔިތުންނަށް ވީހާވެސް އަވަހަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *