ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިދާރީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ. ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲ ހުށަހެޅުއްވި މި ބިލަކީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" އަށް ގެނެވޭ އިސްލާހެކެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ދަށުން އެލްޖީއޭގެ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮތޯރިޓީގެ ބޯޑަށް އޮތް ނަމަވެސް، އައު އިސްލާހާއެކު އެ ބާރު ސިވިލް ސާވިސް ކޮމިޝަނަށް ބަދަލުވާނެއެވެ. އަދި އިދާރާގެ ޒިންމާދާރު އިސްވެރިޔަކީ އެލްޖީއޭގެ ސީއީއޯ ކަމުގައި ކަނޑައަޅައި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ގޮތަށް ވަނީ ހުށަހަޅާފައެވެ.
މި ބިލުގެ އަނެއް މުހިންމު މަގުސަދަކީ ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތަކުގެ ތެރޭގައި "ކުނި މެނޭޖުކުރުމުގެ ޚިދުމަތް" ހިމެނުމެވެ. މިއީ ރަށްރަށުގެ ތިމާވެށި ރައްކާތެރިކުރުމަށާއި ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކައުންސިލްތަކަށް ލިބިދޭ ބާރެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި މުސާރައިގެ އޮނިގަނޑު ކަނޑައަޅައި، ހުރިހާ މުވައްޒަފުން އައު އޮނިގަނޑަށް ބަދަލުކޮށް ނިންމަންވާނެއެވެ. .


